ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ މިއަހަރުގެ ފުރަތަމަ ސެމިސްޓަރގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ތިންސަތޭކައަށް ވުރެ ގިނަ ޓީޗަރުން ދަސްވެނިވެއްޖެ އެވެ.
ގައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރޭ ދަރުބާރުގޭގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެންވާރަމަންޓް މިނިސްޓަރ ތޯރިގް އިބްރާހީމް އެވެ.
ދަސްވެނިވުމުގެ މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ބައިވެރިވެ ވަޑައިގެންފައިވާ އިރު، މިނިސްޓަރ ވަނީ ޓީޗިން އިން ޑިގްރީ ހާސިލްކުރި ދަސްވެނިންނަށް ދަސްވެނިކަމުގެ ސަނަދު ދެއްވާފަ އެވެ.
މި ރަސްމިއްޔާތުގައި ޔުނިވަސިޓީގެ އެކި ކޯސްތަކުން ޖުމްލަ 648 ދަރިވަރުން ދަސްވެނިވެފައިވާ އިރު، ކިޔަވައިދިނުމުގެ ދާއިރާއިން ފެކަލްޓީ އޮފް ޓީޗިން އިން 302 ދަރިވަރަކު އަދި ފެކަލްޓީ އޮފް އިސްލާމިކް ސްޓްޑީސް އިން 7 ދަރިވަރަކު ވަނީ ދަސްވެނިކަމުގެ ސަނަދު ހާސިލްކޮށްފަ އެވެ.
މި ރަސްމިއްޔާތުގައި ދަރިވަރުންނާއި މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ތޯރިގް އިބްރާހީމް ވިދާޅުވީ ވަކި ކަހަލަ ވަޒީފާތަކަކީ އެކަށީގެން ނުވާ ވަޒީފާތަކެއް ކަމަށް ވިސްނި ވިސްނުން މިއަދު ބަދަލު ކުރަން ވެއްޖެ ކަމަށެވެ.
"ރާއްޖޭގެ ތަރައްޤީގެ ކަންތައްތައް ބައްޓަން ކުރުމުގައި އެންމެ ކުރީ ސަފުގައި ތިބެން ވާނީ ދިވެހިން. އެހެންކަމުން ދިވެހިންނަކީ ކޮންމެ ކަހަލަ ވަޒީފާއެއްވެސް އަދާކުރެވޭ ބަޔަކަށް ވާންޖެހޭ" މިނިސްޓަރ ވިދާޅުވި އެވެ.
އަދި މީގެ އިތުރުން، މިނިސްޓަރ ވަނީ އުނގެނުނު އިލްމުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، އިހުލާސްތެރިކަމާއި އެކު ގައުމަށް ޚިދުމަތް ކުރުމުގައި ދެމިތިބުމަށް ހުރިހާ ދަސްވެނިންނަށް އިލްތިމާސް ކުރައްވާފައެވެ.

target="_blank"
target="_blank"