ސްކޫލްތަކުގައި ކިޔަވައިދެއްވާ ޓީޗަރުންނަކީ ހައިބަތާއި ޤަދަރު އުފުލިގެންވާ ބަޔަކަށް ހެދުމުގެ ސިޔާސަތުގެ ދަށުން އިތުރު 2000 ޓީޗަރުން ޑިގްރީ ފެންވަރަށް ތަމްރީނު ކުރުމަށް ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި އެކު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީ ގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ސީއިއަރ ޕިލިސީ އެގްޒެކެޓިވް އިބްރާހީމް އިސްމާއީލް އަލީ އެވެ. އަދި ޔުނިވަރސިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒު ޝަރީފު އެވެ.
ޓީޗަރުން ޑިގްރީ ފެންވަރަށް ތަމްރީނުކުރުމުގެ މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ސްކޫލްތަކުގެ ދާއިމީ ވަޒީފާތަކުގައި ކިޔަވައިދޭ ޓީޗަރުންގެ ތެރެއިން ޑިގްރީ ސަނަދަށް ވުރެ ދަށު ސަނަދު ތަކުގައި ތިބި 2814 ޓީޗަރުންނާއި އަދި ތަޢުލީމީ ދާއިރާއާއި އަލަށް ގުޅެން ބޭނުންވާ ފަރާތްތައް މިނިސްޓްރީން ކަނޑައަޅާ ޑިގްރީ ކޯސްތަކަކަށް ތަމްރީނުކޮށްދިނުމެވެ.
ޑިގްރީ ފެންވަރުގެ ޖުމްލަ 24 ކޯހަކުން ތަމްރީނުވުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު މި ކޯސްތަކުގެ ތަމްރީނުތައް ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖޫން އިންޓޭކްގަ އެވެ.
ޓީޗަރުން ތަމްރީނު ކުރުމަށް ހަމަޖެހިފައިވާ ކޯސްތައް
- ބެޗެލަރ އޮފް އެޑިޔުކޭޝަން އާލީޗައިލްޑްހުޑް
- ބެޗެލަރ އޮފް އެޑިޔުކޭޝަން ޕްރައިމަރީ (ޖެނެރިކް)
- ބެޗެލަރ އޮފް އެޑިޔުކޭޝަން ޕްރައިމަރީ ( ހެލްތް އެންޑް ފިޒިކަލް އެޑިޔުކޭޝަން )
- ބެޗެލަރ އޮފް އެޑިޔުކޭޝަން ސެކަންޑަރީ ( މެތަމެޓިކްސް)
- ބެޗެލަރ އޮފް އެޑިޔުކޭޝަން (އިންގްލިޝް)
- ބެޗެލަރ އޮފް އެޑިޔުކޭޝަން (އިކޮނޮމިކްސް، ބިޒްނަސް)
- ބެޗެލަރ އޮފް އެޑިޔުކޭޝަން (އިކޮނޮމިކްސް، އެކައުންޓިން)
- ބެޗެލަރ އޮފް އެޑިޔުކޭޝަން (އެކައުންޓިން، ބިޒްނަސް)
- ބެޗެލަރ އޮފް އެޑިޔުކޭޝަން (އިކޮނޮމިކްސް، މެތަމެޓިކްސް)
- ބެޗެލަރ އޮފް އެޑިޔުކޭޝަން (ބިޒްނަސް، މެތަމެޓިކްސް)
- ބެޗެލަރ އޮފް އެޑިޔުކޭޝަން (އެކައުންޓިން، މެތަމެޓިކްސް)
- ބެޗެލަރ އޮފް އެޑިޔުކޭޝަން (ފިޒިކްސް، މެތަމެޓިކްސް)
- ބެޗެލަރ އޮފް އެޑިޔުކޭޝަން (ކެމިސްޓްރީ، މެތަމެޓިކްސް)
- ބެޗެލަރ އޮފް އެޑިޔުކޭޝަން (ބައެލޮޖީ، މެތަމެޓިކްސް)
- ބެޗެލަރ އޮފް އެޑިޔުކޭޝަން (މެރިން ބައެލޮޖީ، މެތަމެޓިކްސް)
- ބެޗެލަރ އޮފް އެޑިޔުކޭޝަން (ފިޒިކްސް، ކެމިސްޓްރީ)
- ބެޗެލަރ އޮފް އެޑިޔުކޭޝަން (ފިޒިކްސް، ބައެލޮޖީ)
- ބެޗެލަރ އޮފް އެޑިޔުކޭޝަން (ބައެލޮޖީ، ކެމިސްޓްރީ)
- ބެޗެލަރ އޮފް އެޑިޔުކޭޝަން (ބައެލޮޖީ، މެރިން ބައެލޮޖީ)
- ބެޗެލަރ އޮފް އެޑިޔުކޭޝަން (ޓްރެވަލް އެންޑް ޓްވަރިޒަމް، އިކޮނޮމިކްސް)
- ބެޗެލަރ އޮފް އެޑިޔުކޭޝަން (ޓްރެވަލް އެންޑް ޓްވަރިޒަމް، ބިޒްނަސް)
- ބެޗެލަރ އޮފް އެޑިޔުކޭޝަން (ޓްރެވަލް އެންޑް ޓްވަރިޒަމް، އެކައުންޓިންގ)
- ބެޗެލަރ އޮފް އެޑިޔުކޭޝަން (ކެމިސްޓްރީ، މެރިން ބައެލޮޖީ)
- ބެޗެލަރ އޮފް އެޑިޔުކޭޝަން (ފިޒިކްސް، މެރިން ބައެލޮޖީ)
ޖުމްލަ 23465298.74 (ތޭވީސް މިލިޔަން ހަތަރުސަތޭކަ ފަސްދޮޅަސް ފަސްހާސް ދުއިސައްތަ ނުވަދިހަ އަށްރުފިޔާ ހަތްދިހަ ހަތަރުލާރި) އަށް ޤައުމީ ޔުނިވަރސިޓީ އާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 5 އަހަރު ދުވަހުގެ މުއްދަތަކަށެވެ.
ޔުނިވަރސިޓީގެ ކޯސްތަކުން ފީ ގެ ގޮތުގައި ނަގާ އަގަށް ވުރެ އެތައް ތަނެއް އަގު ހެޔޮކޮށް ތައުލީމީ ދާއިރާއިން ޑިގްރީ ހާސިލްކުރުމުގެ މި ފުރުސަތުގައި ތަމްރީނުވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ކޯސް ފީއަކީ ދިރާސީ އަހަރަކަށް ރ.5040 (ފަސްހާސް ސާޅީސް ރުފިޔާ) އެވެ.މި ފައިސާ ކޯހުގެ ބައިވެރިން ދައްކާނީ ޔުނިވަރސިޓީން ކަނޑައަޅާގޮތެއްގެ މަތިން ބަހާލައިގެންނެވެ.
މި ޕްރޮގްރާމަކީ ސްކޫލްތަކުގައި ކިޔަވައިދެއްވާ ޓީޗަރުންނަށް އިތުރަށް ކިޔެވުމުގެ ފުރުސަތު ފަހިކުރުމަށާއި އަދި ސްކޫލްގައި މަސައްކަތް ކުރައްވާ ޓީޗަރުންނަށް ލުއިފަސޭހަގޮތަކަށް މަތީތައުލީމް ހާސިލްކުރުމަށް ކުރިޔަށްގެންދަވާ ޕްރޮގްރާމެކެވެ.
އެޑިޔުކޭޝަން މިނިސްޓްރީން މީގެ ކުރިންވެސް ވަނީ ޓީޗަރުންގެ ފެންވަރު މަތި ކުރުމަށް ގިނަ އަދަދެއްގެ ޓީޗަރުންނަށް މަތީތައުލީމް ހާސިލްކުރުމުގެ ފުރުސަތު ދެއްވާފައެވެ.

target="_blank"
target="_blank"