ކޯވިޑް-19 އާއި ގުޅިގެން ދަރިވަރުންގެ އުނގެނުމަށް ދިމާވާ ދަތިތައް ހައްލުކުރެވޭނެ ގޮތްތަކާބެހޭ ގޮތުން މަޝްވަރާ ކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ސިލްސިލާ ބައްދަލުވުންތަކެއް ފަށައިފިއެވެ.
ޔުނިސެފާ ގުޅިގެން ކުރިއަށްދާ މި ބައްދަލުވުމުގައި މިއަދު ވަނީ ސީއެޗްއެސްއީގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނާ ބައްދަލުކޮށްފައެވެ.
އޮންލައިންކޮށް ތިން ސެސަޝަނަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ބައްދަލުވުންތަކުގައި ވަނީ ކޯވިޑް19 އާއި ގުޅިގެން ކުދިންގެ ކިޔެވުމަށް އައިސްފައިވާ ބަދަލާއި، އަދި އެކަމާ ގުޅިގެން ސްކޫލްތަކުން އަޅަމުންދާ ފިޔަވަޅުތަކާމެދު ދެކެނީ ކިހިނެއްތޯއާއި އަދި މީގެ އިތުރުން ދަރިވަރުންގެ ތަޢުލީމު މެދުނުކެނޑި ކުރިއަށް ގެންދިއުމަށް އެޅެން ހުރި ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާ ކޮށްފައެވެ.
މި ބައްދަލުވުން ތަކުގައި، ބައިވެރިންނަށް ވަނީ އެ ގްރޫޕަކާ ގުޅޭގޮތަށް، ސްކޫލަށް ދިއުން މެދުކެނޑުމުން ދިމާވާ ލަރނިންގ ލޮސް ނުވަތަ ޢިލްމާއި ހުނަރު ގެއްލިގެން ދިއުމުގެ ސަބަބުން ދިމާވާ ބޮޑެތި މައްސަލަތަކާބެހޭ ގޮތުން މަޢުލޫމާތު ދެއްވާފައެވެ.
މީގެ އިތުރުން ދަރިވަރުންގެ ރައްކާތެރިކަމަށް ސްކޫލްތަކުގައި ގާއިމްކުރެވިފައިހުރި ވަސީލަތްތަކާއި، އިންތިޒާމްތައް ބައްދަލުވުމުގެ ބައިވެރިންނަށް ދައްކާލެވުނެވެ.
ވަކި ވަކިން ބޭއްވުނު ބައްދަލުވުން ތަކުގައި ދަރިވަރުން ބެލެނިވެރިން އަދި ޓީޗަރުންވަނީ އެ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް ހިއްސާ ކުރައްވާފައެވެ. އަދި މިކަންބޮޑުވުންތަކަށް ހައްލުހޯދޭނޭ ގޮތްތަކާ ބެހޭގޮތުން މި ބައްދަލުވުން ތަކުގައިވަނީ މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުވުމުގެ ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އިސްވެރިންގެ ޕެނަލަކުންނެވެ.
މިއަދު ފެށިގެން މިދިޔަ ބައްދަލުވުންތައް ހުރިހާ ސްކޫލެއްގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
ސްކޫލްތައް ބަންދުވެ ކުދިން ގޭގައި ތިބުމުން އެ ކުދިންނަށް ލިބޭ އިޖުތިމާޢީ ގެއްލުމަކީ މިންކުރެވޭ ވަރަށްވުރެން ބޮޑުގެއްލުމެކެވެ.
ކުދިން ސްކޫލަށް ނުގޮސް ގިނަ ދުވަހު ގޭގައި ތިބެންޖެހުމުގެ ސަބަބުން އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާއި، އިޖްތިމާޢީ އަދި ތަޢުލީމީ ގޮތުން ކުރިއެރުމަށް ހުރަސް އެޅިގެންދެއެވެ.
ތަޢުލީމަކީ ހަމައެކަނި ފޮތުގައި އޮންނަ ފިލާވަޅުގެ އިތުރުން ދަރިވަރުން އެކަކު އަނެކަކާއި ދެކެވޭ ވާހަކައިންނާއި، ރަހުމަތްތެރިންނާއި، އެހެނިހެން ދޭދޭ ގުޅުމުގެ ތެރެއިން ދަސްކުރާ ކަންކަމެވެ. އިޖުތިމާޢީ ހުނަރު އެންމެ ބޮޑަށް ކުދިން ދަސްކުރަނީ އެހެން ކުދިންނާއެކު އެކި ކަންކަމުގައި އުޅުމުގެ ތެރެއިން ކަމަށްވާއިރު ސްކޫލް މާހައުލުން ދަރިވަރުންނަށް އުނގެނެން ފުރުސަތު ވީހާވެސް އަވަހަށް ހޯދައިދިނުމަކީ ދަރިވަރުންގެ މުސްތަގުބަލަށް އެޅިގެންދާނެ ވަރަށް މުހިއްމު ފިޔަވަޅެކެވެ.

target="_blank"
target="_blank"