ދަރިވަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ދިނުމުގެ ހެލްޕްލައިން "1484" އިފުތިތާހުކޮށްފި


2023-06-13

ސްކޫލް ދަރިވަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމަށް ޤާއިމްކުރި ހެލްޕްލައިން 1484 އިފުތިތާހުކޮށްދެއްވައިފިއެވެ. މިއަދު ހެނދުނު މީރުމާ ގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހެލްޕްލައިން އިފުތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިސްނަގައިގެން މި ހެލްޕްލައިން ޤާއިމްކޮށްފައިވަނީ ޔުނިސެފާއި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ އެހީތެރިކަމާއި އެކުގައެވެ.

މި ހެލްޕްލައިންގެ މަޤްޞަދަކީ، ދަރިވަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކޮށް، އެހީތެރިކަން ބޭނުންވާ ކޮންމެ ދަަރިވަރަކަށްވެސް އެންމެ އެކަށޭނަ ގޮތެއްގައި އެ ފުރުޞަތު ފަހިކޮށްދިނުމެވެ. މި ނިޒާމްގެ ތެރެއިން، ދަރިވަރުންނަށް ދިމާވާ ކަންބޮޑުވުންތަކާ ގުޅިގެން ދިމާވެދާނެ ނަފްސާނީ ހާސްކަމަކުން އަރައިގަތުމަށް ކައުންސެލަރުން މެދުވެރިކޮށް އެހީ ފޯރުކޮށްދިނުމާއި ދަރިވަރުންނަށް އާރލީ އިންޓަވެންޝަންދިނުމާއި، ސްކޫލް ކައުންސިލިންގ ޚިދުމަތް އިތުރަށް ހަރުދަނާ ކުރެވިގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ ދަރިވަރުން ފުރިހަމަ ގޮތެއްގައި ދިރިއުޅުމުގަޔާއި ކިޔެވުމުގެ ކަންކަމުގައި ޝާމިލްވުމަށްޓަކައި އެ ކުދިންނަކީ ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ދަރިވަރުންތަކަކަށްވުން ވަރަށް މުހިއްމު ކަމަށެވެ. އަދި އުންމީދަކީ މިއަދު މި އިފްތިތާޙްކުރެވުނު ހެލްޕްލައިންގެ ސަބަބުން ދަރިވަރުންނަށް ބޭނުންވާ ނަފްސާނީ އެހީ، އެކަމަށް ބޭނުންވާ ހިނދު ދަރިވަރުންނަށް ލިބިގެން ދިއުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ހިނގާ ޖޫން މަހުގެ 18 ވަނަ ދުވަހު މި ހެލްޕްލައިންގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާ އިރު، ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ 15:00 އިން ފެށިގެން 21:00 އާ ހަމައަށް ޚިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ސްކޫލް ދަރިވަރުންނަށް މި ހެލްޕްލައިން މެދުވެރިކޮށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދެއްވުމުގެ މަސައްކަތް ކުރައްވާނީ އެކަމަށްޓަކައި ޚާއްޞަކޮށް ތަމްރީން ކޮށްފައިވާ ސްކޫލްތަކުގައި ކައުންސެލަރުންނެވެ. މި ކައުސެލަރުން ތަމްރީން ކުރުމާއި ހެލްޕްލައިން ޚިިދުމަތް ފޯރުކޮށްދޭނެ އުޞޫލުތައް އެކުލަވާލުމުގައި ދިވެހި ރެޑް ކްރެސެންޓުން ވަނީ ފަންނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މިއީ ދިވެހިރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމަށް ޤާއިމްކުރެވުނު މިފަދަ ފުރަތަމަ ހެލްޕްލައިނެވެ.