މިނިސްޓަރ ނ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާލައްވައިފި


2024-07-13

މޭނާ ސްކޫލުގެ އަރަހީ އިނާމު ދިނުމުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ނ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، މާލެ ވަޑައިގެންފިއެވެ.

މިނިސްޓަރގެ މި ދަތުރުފުޅުގައި ނ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެން އެ ރަށްރަށުގެ ސްކޫލުތަކަށް ޒިޔާރަތްކުރެއްވިއެވެ. އެގޮތުން ނ. ހޮޅުދޫ މޭނާ ސްކޫލް، ނ. ވެލިދޫ ނ. އަތޮޅު ތަޢުލީމީ މަރުކަޒު، ނ. މަނަދޫ ނ. އަތޮޅު މަދަރުސާ އަދި ނ. މާފަރު ސްކޫލަށް ވަޑައިގެން އެ ސްކޫލުތަކުގެ މުވައްޒަފުންނާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުންތަކުގައި މިނިސްޓަރ ވަނީ މިނިސްޓްރީ އިން މިހާރު ކުރަމުންދާ މުހިންމު މަސައްކަތްތަކާއި، ކުރިއަށް ރޭވިފައިހުރި މުހިންމު ޕްރޮގްރާމްތަކާ ގުޅޭ މަޢުލޫމާތު ޙިއްޞާކޮށް، އެކަންކަން ކުރިއަށް ގެންދިއުމުގައި މުދައްރިސުންގެ ޚިޔާލާއި މަޝްވަރާހޯދާފައެވެ. މީގެ އިތުރުން މުވައްޒަފުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައި، ޙައްލު ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

މިނިސްޓަރގެ މި ދަތުރުފުޅުގައި މޭނާ ސްކޫލުގެ 2021-2022 އަދި 2022-2023 ވަނަ ދިރާސީ އަހަރުތަކުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ޖަލްސާގައި މިނިސްޓަރ ބައިވެރިވެ ވަޑައިގެންނެވީ ޝަރަފުވެރި މެހެމާނުގެ ހައިސިއްޔަތުންނެވެ.