ގްލޯބަލް ޕާޓްނަރޝިޕް ފޮރ އެޑިޔުކޭޝަން (ޖީ.ޕީ.އީ)ގެ 9.5 މިލިއަން އެމެރިކާ ޑޮލަރުގެ މާލީއެހީއާއެކު، ތަޢުލީމީ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނެއުމަށް އެކުލަވާލާފައިވާ ޚާއްޞަ ޕްރޮޖެކްޓް "ތައިބަ"، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފް އިފުތިތާހުކޮށްދެއްވައިފިއެވެ.
މިކަމަށް ޚާއްޞަކޮށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު އާއި ދެކުނު އެޝިއާއަށް ޔުނިސެފުން ކަނޑައަޅުއްވާފައިހުންނަވާ ރީޖަނަލް ޑިރެކްޓަރ ސަންޖޭ ވިޖެސޭކަރަގެ އިތުރުން މި ޕާޓްނަޝިޕް ކޮމްޕެކްޓްގައި ހިމެނޭ ގިނަ ފަރާތްތަކުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
"ތައިބަ" މި ޕްރޮޖެކްޓަކީ ދިވެހިރާއްޖޭގެ ތައުލީމަށް، ނިޒާމީގޮތެއްގައި، ހެޔޮ ބަދަލުތަކެއް ގެނެއުމާއެކު، ރާއްޖޭގެ ތަޢުލީމީ ނިޒާމަކީ ހަރުދަނާ، ޝާމިލު، ވިލުންވެރި ނިޒާމަކަށް ހެދުމަށްޓަކައި އެކުލަވާލި ޕްރޮޖެކްޓެކެވެ. އެގޮތުން ޔުނިސެފްގެ އެހީތެރިކަމާއެކު ތައުލީމީ ވުޒާރާއާއި ލޯކަލް އެޑިޔުކޭޝަން ގްރޫޕް (ލެގް) އިން އެކުލަވާލި ޕާރޓްނަޝިޕް ކޮމްޕެކްޓާއެކު، ދަރިވަރުންގެ އުނގެނުން ހަރުދަނާ ކުރުމަށްޓަކައި ވަރަށް އުންމީދީ ލަނޑުދަނޑިތަކަކާއެކު އިންގިލާބީ އެޖެންޑާއެއް ކަނޑައެޅުނެވެ. މި އެޖެންޑާ ތަންފީޒުކުރުމަށްޓަކައި މިނިސްޓްރީ އާއި ޔުނިސެފް އަދި ވޯލްޑް ބޭންކުން ވަނީ ޖީ.ޕީ.އީގެ 3 ގްރާންޓެއް ކަށަވަރުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 5 މިލިއަން އެމެރިކާ ޑޮލަރުގެ ސިސްޓަމް ޓްރާންސްފޮމޭޝަން ގްރާންޓް އާއި، 1.5 މިލިއަން ޑޮލަރުގެ ސިސްޓަމް ކެޕޭސިޓީ ގްރާންޓާއި 3 މިލިއަން އެމެރިކާ ޑޮލަރުގެ މަލްޓިޕްލަޔަރ ގްރާންޓެވެ.
މި ގްރާންޓުތައް ޖުމްލަކޮށް ބޭނުންކުރެވިގެންދާނީ ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުން އުނގެނުމަށް ފަހި ފުރުޞަތުތަކެއް ފަހިކޮށްދިނުމަށާއި، ތަޢުލީމީ ދާއިރާގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ތަޢުލީމީ ދާއިރާގެ ރޭވުންތެރިކަމާ، މާލިއްޔަތު ބެލެހެއްޓުމާއި، މޮނިޓަރކޮށް ވިލަރެސްކުރެވޭނެ ގޮތްތައް ކަނޑައެޅުމަށެވެ. އަދި މީގެ އިތުރުން އައު އެޑިޔުކޭޝަން މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމެއް މި ގްރާންޓްގެ ދަށުން ތައްޔާރުކުރެވޭނެއެވެ. މީގެ ސަބަބުން ތަޢުލީމީ ނިޒާމުގެ ހުރިހާ ހަރުފަތެއްގައި ގަރީނާއަށް ރިއާޔަތްކޮށް (އެވިޑެންސް ބޭސްޑް) ސިޔާސަތުތަކާއި ނިންމުންތައް ނިންމުމުގެ ގާބިލްކަން އިތުރުކުރެވިގެންދާނެއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޕްރޮޖެކްޓްގެ ވެބްސައިޓް ޕޭޖް އިފުތިތާހުކޮށް، ޕްރޮޖެކްޓް ގުޅޭ މަޢުލޫމާތު ހިމެނޭ ފޮތް ނެރެދެއްވާފައެވެ.

target="_blank"
target="_blank"